ލ.ހިތަދޫ
ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާމިރަށަކީ، ހައްދުންމަތީ (ލާމު އަތޮޅު) ގައި ހިމެނޭ ބިންބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ ހިތަދޫއެވެ. ޤުދުރަތީ މުއްސަދިކަން ލިބިފައިވާ މިރަށުގައި ބޮޑު ލޮނުފެން ކުޅިއަކާއި އާސާރީ މިސްކިތަކާއި ޒިޔާރަތަކާއި ދޮންވެލި ތުނޑިއެއް އޮވެއެވެ. އަދި ރަށުގެ އިރުމަށްޗާއި ދިމާލުގައި ވާ ކަނޑުއޮޅި އާއި ދިމާލުން ރަށާ ކައިރި ސަރަހައްދަކީ ރާޅު އެޅުމަށް ދުނިޔޭގެ ފެންވަރުގައި މަޝްހޫރުތަނެކެވެ. ރަށުގެ ބޮޑުމިނުގައި 116 ހެކްޓަރ ހުންނައިރު މީހުން ދިރިއުޅުމަށް ބޭނުންކުރަމުން ގެންދަނީ އަދި 16.8 ހެކްޓަރގެ ބިމެވެ. ރަށުގެ އާބާދީއަކީ 1329 މީހުންނެވެ. އެއީ އަންހެން 646 އަދި ފިރިހެން 683 ބޭފުޅުންނެވެ. ރަށުގެ ރައްޔިތުން ޢާއްމު ދިރިއުޅުމަށް ކުރަމުން ގެންދާ މައިގަނޑު ދެ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. ފަހަކަށް އައިސް ފަންގި ވިއުމުގެ މަސައްކަތްކުރާ ފިރިހެނުންނާއި، އަންހެނުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. 1959 އިން 1991 ވަނަ އަހަރާއި ދެމެދުން ވޭތުވެފައިވާ 32 ވަރަކަށް އަހަރުގެތެރޭ އަތޮޅުގެ ވެރިކަން ކުރަމުން ގެންގޮސްފައިވަނީ މިރަށުގައެވެ. އެދުވަސްވަރުގެ ތެރޭ އަތޮޅުގެ ކުރިއެރުމާއި ތަރައްޤީއަށް ޤާއިމްކުރެވުނު ހެލްތް ސެންޓަރ، ޔަންމާ ސެންޓަރ، އައިސްޕްލާންޓް، އަދި ރާޑަރ ސްޓޭޝަންގެ ޚިދުމަތް ފަށައިގަނެވުނީ މިރަށުގައި ކަމަށްވިޔަސް އަތޮޅުވެރިކަން މިރަށުން މިއަތޮޅު ފޮނަދޫއަށް ބަދަލުކުރެވިގެން ދިޔައިރު ތަރައްޤީއަށް ޤާއިމްކުރެވުނު ޔަންމާ ސެންޓަރ، އައިސްޕްލާންޓް، ރާޑަރ ސްޓޭޝަންގެ ޚިދުމަތް ގެނެވުނު މަގަކުން ގެންގޮސް ނިންމާލެވިފައި ވާކަން ފާހަގަކުރެވެއެވެ. މިރަށަކީ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރި، ވައްކަމާއި މާރާމާރީއާއި ގެވެށި އަނިޔާއާއި ބީރައްޓެހި އަދި ސަޤާފީކުޅިވަރާއި ޒަމާނީކުޅިވަރަށް އަހުލުވެރި ކުޅިވަރަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށެއްކަން އުފަލާއިއެކު ފާހަގަކުރަމެވެ.
ރަށުގެ ޑައިރެކްޓަރީ
ކައުންސިލްގެ ތަޞައްވަރު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 4 ވަނަ ބާބުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާރުތަކާއި މަސްޢޫލިއްޔަތުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކުގެ ތެރެއިން ހައްދުންމަތީ ހިތަދޫ ތަރައްޤީގެ ޕްލޭނުގައި ބަޔާންކޮށްފައިވާ ޚިދުމަތްތައް މާތްﷲގެ ރަޙުމަތާއިއެކު ކުރިޔަށްއޮތް ދުވަސްތަކުގެ ތެރޭގައި، އެކަންތައްތަކަށް ވާސިލްވުމަށް ބޭނުންވާ ވަސީލަތްތައް(ބަޖެޓް) ލިބޭނެމަގު ތަނަވަސް ވަމުން ދާނަމަ 2021 ވަނަ އަހަރުން ފެށިގެން ކުރިޔަށްއޮތް 5 އަހަރުދުވަހުގެ ތެރޭގައި އަހަރުތަކަށް ބަހާލެވި ޕްލޭން ކުރެވިފައިވާ އެންމެހައި ކަންކަން ޕްލޭންކުރެވިފައިވާ ގޮތުގެމަތީން ހިންގާ ނިންމުމެވެ.
ކައުންސިލްގެ އަމާޒު
ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އަމާޒަކީ ކައުންސިލުން އެކުލަވާލާފައިވާ ކުރިޔަށް އޮތް ފަސްއަހަރު ދުވަހުގެ ޕްލޭނުގައި ހިމެނިފައިވާ ކަންކަމުގެ ތެރެއިން ކުރިޔަށްއޮތް ދުވަސްތަކުގެ ތެރޭ ކައުންސިލުގެ ދައުރު ހަމަވުމުގެ ކުރިން ކޮށްނިންމުމަށް ކަނޑައެޅިފައިވާ ކަންކަން ކޮށް ނިންމުމެވެ.